ހޯދާ:
ރަށް ކުރިއަރުވާ ކޮމިޓީތައް. މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ވެއްޖެ
• ގިނަ ކޮމިޓީތައް ދަނީ ބަރާބަރަށް ހަރަކާތްތެރިވަމުން. ފުވައްމުލަކު އޮފީސް
06 އޮގަސްޓް 2009 (ބުރާސްފަތި)
އާތިފު

ރަށްކުރިއަރުވާ ކޮމިޓީ ތަކަކީ އެރަށެއްގެ ކުރިއެރުމަށާއި ތަރައްގީއަށް މަސައްކަތް ކުރުމަށް އުފެދިފައިވާ ކޮމިޓީ ތަކެކެވެ. ފުވައްމުލަކަކީ އެއްރަށެއްގެ މައްޗަށް އެކުލެވިފައިވާ، އަށް އަވަށުގެ މައްޗަށްވާ އާބާދީއާއި ބިން ބޮޑު ރަށެއް ކަމުގައިވާތީ ފުވައްމުލަކުގައި ވަނީ ކޮންމެ އަވަށަކީ ރަށެއްގެ ގޮތުގައި އިދާރީގޮތުން ބަލައި ކޮންމެ އަވަށަކަށް ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ކޮމެޓީ އެކުލަވާލުމުގައި ކުރިން ވެސް އޮތީ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރުމުގެ އުސޫލެވެ. އިންތިޚާބުތަކުގެ ފޯރި ކުޑަވުމުން ބައެއް މީހުންނަށް އިންތިޚާބެއް ބާއްވަކަން ނޭގިވެސް ދެއެވެ. ނަމަވެސް މިހާރު އިންތިޚާބު ކުރެވިފައިވާ ކޮމިޓީއަކީ ރައްޔިތުންގެ މަޖްލިސް އިންތިހާބު ފަދަ ފޯރިގަދަ ޚަރަދުތަކެއްވެސް މީހުންގެ އަތުން ހިނގި އިންތިޚާބަކުން ހޮވިފައިވާ ކޮމިޓީ ތަކެކެވެ.

"އޭރުގައި އަހަރެން އެންމެ ބޮޑަށް ބެލީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ހޮވެން. އެގޭ މި ކޮމިޓީއަކީ އެއްޗެއް ލިބޭ ކޮމިޓީއެއް ނޫންކަންވެސް. އެކަމަކު ރައްޔިތުންގެ ސަޕޯޓު އޮތް މީހަކު ކަމަށް އެހެން ސިޔާސީ މީހުންނާއި، އެހެން އަވަށްތަކުގެ މީހުންނަށް ވެސް ފެންނަން ބޭނުންވާތީ ޚަރަދުތަކެއް ކޮށްގެން ވެސް ހޮވިގެން މިހިރީ." މަޖަލަކަށް ހަދާފައި ކޮމިޓީއެއްގެ މެމްބަރަކު ބުންޏެވެ.

މަޖަލަކަށް ހަދާފައި މިހެން ބުނި ނަމަވެސް،  ބައެއް ކޮމިޓީތަކުން ފެންނަމުން ދަނީވެސް މި ހަގީގަތެވެ. ބައެއް ކޮމިޓީތަކުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ކޮމިޓީގެ ޖަލްސާ ނުބޭއްވި އަވަށަށް، ޚާއްސަކޮށް ރަށަށް ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވޭ ގޮތެއް ވަނީ ނުވެފައެވެ. އެކަމަކު ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވާ ކޮމިޓީތައް ވެސް ފުވައްމުލަކުގައި އެބަހުއްޓެވެ.

"މާދަޑު ކޮމިޓީން މިހާރު އެންމެ ފޯރިއާއެކު ކުރަމުންދަނީ އެ އަވަށުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް. ނުވަދިހަ ޕަސެންޓް މިހާރު ވަނީ ނިމިފައި. މެމްބަރުންގެ އެއްބާރުލުން ވަނީ ނުހަނު ބޮޑަށް ލިބިފައި." މާދަޑު ރަށް ކުރިއަރުވާ ކޮމިޓީގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

ފުވައްމުލަކު ކައުންސިލަރ އަދި ފުވައްމުލަކު އޮފީހުގެ މީޑިއާ ކޯޑިނޭޓަރ އަހުމަދު މުޖުތަބާ ވިދާޅުވީ ދެތިން އަވަށެއްގެ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގައި މައްސަލަތަކެއް އުޅުނު ނަމަވެސް ޖުމްލަ ކޮށް ރަގަޅު ކަމަށެވެ. އަދި ފުވައްމުލަކުގައި އަށް އަވަށް އޮތް ނަމަވެސް މިއީ އެއްރަށެއް ކަމަށާއި މިރަށުގެ ހުރިހާ ކޮމިޓީތައް އެކުވެގެން ތަރައްގީއަށް މަސައްކަތްތަކެއް ކުރަން ކުރިމަގުގައި ވިސްނަމުން ދާކަމަށެވެ. އަދި ކޮމިޓީތަކުގައި ހުރި ސިޔާސީ މައްސަލަތައް އެއްކިބާކުރަން ކޮންމެހެން ޖެހިއްޖެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއްކުރިން ދަޑިމަގު އަވަށުގެ ކޮމިޓީގެ އެއްބާރުލުން ނުލިބިގެން އެއަވަށުގެ ތަރައްގީއަށް ލިބިފައިވާ ޕްރޮޖެކްޓެއް ފުވައްމުލަކު އަތޮޅު އޮފީހުގެ އެހީތެރިކަމާއެކު ކުރުމަށް ވިސްނަމުން ދާ ކަމަށް އެއަވަށު ކޮމިޓީގެ ރައިސް ވަނީ ބުނެފައެވެ. އަދި ފުނާޑު އަވަށުގެ ކޮމިޓީގެ ރައީސަށް އެއްވެސް އެނގުމެއް ނެތި އެއަވަށުގެ ކޮމިޓީން ވަނީ ބޮޑު މައްސަލައެއްގެ ތެރެއަށް ވަދެ، އެ މައްސަލައިގެ ކޯޓު އަމުރަކަށް އެދިފައި ކަމަށް އެ ކޮމިޓީގެ ރައީސް ވިދާޅުވެފައި ވެއެވެ.

ކޮމިޓީތަކުގެ ދައުރު ފުޅާ ނުވުމުގައި ވަރަށް ގިނަ މައްސަލަތަކެއް ވެއެވެ. އޭގެތެރޭގައި ސިޔާސީ ގޮތުން އުފެދިފައިވާ މައްސަލަތަކެއް ވެސް ވެއެވެ. އަދި ކޮމިޓީގެ ގިނަ މެމްބަރުންތަކެއް ރަށުން ބޭރުގައި އުޅުމަކީވެސް ދިމާވެފައިވާ މައްސަލައެކެވެ. ކޮމިޓީ އިންތިހާބުގެ ދުވަސްވަރާއި އަދި އޭގެ ފަހުންވެސް ކޮމިޓީގެ މެމްބަރުންނަށް ރަގަޅު އެލަވަންސެއް ލިބޭނެ ކަމުގެ އަޑު ފެތުރި އެކަން ހަގީގަތަކަށް ނުވުމަކީވެސް ބައެއް މެމްބަރުން ފަރުވާކުޑަ ވެފައިވާ ކަމެކެވެ. އަދި އެކި އެކި ތަރައްގީގެ މަސައްކަތްތައް ހިންގާނެ ފައިސާ ހޯދުމަށް މަސައްކަތްކޮށް އެނުލިބުމުގެ ސަބަބަކީވެސް މައްސަލައެއް ކަމަށް ބައެއް މެމްބަރުން ދެކެއެވެ.

ނަމަވެސް ރައްޔިތުން ހޮވާފައި ތިބި ބަޔަކު ތިބެންޖެހޭނީ ސިޔާސީ ފިކުރުތަކުން އެއްކިބާވެ އަވަށުގެ ތަރައްގީއަށް މަސައްކަތް ކުރާށެވެ. މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ފައިސާވެސް ލިބޭނެ ކަން ބައެއް ރަށްރަށާއި އަދި މި ރަށުގެ ކޮމިޓީތަކުން ވަނީ ދައްކުވައިދީފައެވެ. ކޮމިޓީން މަސައްކަތްކޮށްގެން ބޮޑެތި އަގުބޮޑު މެޝިނަރީ ފަދަ ތަކެތި ހޯދާފައިވާ ކޮމިޓީތައްވެސް ރާއްޖޭގައި އެބަހުއްޓެވެ. މިސްކިތްމަގުގެ ކޮމިޓީތަކުން ވަނީ ނިކަމެތި އާއިލާއަކަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ކޮށްފައެވެ.

 ކޮމިޓީގެ ބައްދަލުވުންތައް ގަވާއިދުގައި އޮންނަ އަދަދަށް ބާއްވަން މަސައްކަތްކޮށް ، ކޮމިޓީގެ އިދާރީ ހިންގުން ހަރުދަނާ ކޮށް ގަވައިދުގައި ވާ ގޮތަށް ބައްދަލުވުންތަކަށް ހާސިރުނުވާ މީހުންނާ މެދު އަމަލުކޮށް ކޮމިޓީ އިސްލާހުކުރުމަކީ ކޮމިޓީގެ ރައީސްގެ ޒިއްމާއެއް ކަމުގައި ދެކިގެން މަސައްކަތްކޮށްފި ނަމަ މިހާރު ހިނގުން މަޑުޖެހިފައިވާ ކޮމިޓީތައްވެސް މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާނެ އެވެ.

 

ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 12 ޚިޔާލު
06 އޮގަސްޓް 2009 (ބުރާސްފަތި) -އިންތި
ފުވައްމުލަކުގައި އޮތް ބިމުގެ ގޮތުން އެންމެ ބޮޑު އަވަށަކީ އެންމެ އުތުރުގައި އޮތް ދަޑިމަގު އަވަށް. މިއަވަށަކީ އެކި ގޮތްގޮތުން ތަރައްގީކުރެވިދާނެ އަވަށެއް. ރަނގަޅަށް ކުރިއެރުވިދާނެ އަވަށެއް. ފުވައްމުލަކުގައި ހުރި އެންމެ މަޝްހޫރު ތަންތަނަށް ބަލާއިރު ތުނޑި އާއި ގެންމިސްކިތް އަދި ދަޑިމަގި ކިޅި ފަދަ މަޝްހޫރު ތާރީޚީތަންތަނަކީ ރަނގަޅަށް ބެލެހެއްޓިދާނެ ތަންތަން. އަދި ބޮޑު ބައެއްގައި ހިމެނޭ ޗަކަބިންތަކާއި އޮޅުތަކަކީ އެތަންތަނުގެ ބޭނުން ފައިދާހުރި ގޮތުގައި ކުރެވިދާނެ ތަންތަން. މަޝްހޫރު ނެރެގަނޑަކީ މިހާރު ފަތަން ޚާއްސަތަނަކަށް ހެދިދާނެ ތަނެއް. ސަބަބަކީ ގިނަ ޒުވާނުންތަކެއް ފަތަން ބަނދަރަށް ދާތީ. ނަމަވެސް...
06 އޮގަސްޓް 2009 (ބުރާސްފަތި) -އިންތި 2
ދަޑިމަގު އަވަށުގައި ކަމެއް ނުކުރެވިގެން އުޅެންޖެހިފައި ވަނީ އަވަށު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިފައިވީމަ. ހުރިހާ ކަމަކީވެސް ސިޔާސީކަމެއްގެ ގޮތުގައި ދެކުނީމަ. ދަޑިމަގަކީ މުޅި ރާއްޖެއިން ވެސް ޑީއާރުޕީއަށް އެންމެ ތާއީދު ކުރާ މީހުން އުޅޭތަނޭ ބުނެވިދާނެ. އެންމެފަހުން ރިޔާސީ އިންތިޚާބުގަ މުޅި ރާއްޖެއިންވެސް ޑީއާރުޕީއަށް %80 ހޯދިފައިވަނީ ދަޑިމަގުން. އަދި މިހާރު ވެސް ފުވައްމުލަކުގައި ޑީއާރުޕީ އެންމެ ބޮޑީ ދަޑިމަގުގަ. މިހާރު ވެރިކަން ބަދަލުވީމަ ޑީއާރުޕީ ރައްޔިތުން ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ދަޑިމަގުގައި މައްސަލަތައް ދިމާވާ ސަބަބޭ ބުނެވިދާނެ.. ރކ ކޮމިޓީގެ ރައީސަކީ MDP ބޭފުޅެއް ވިއްޔާ.
07 އޮގަސްޓް 2009 (ހުކުރު) -އަވަ
ޑީއާރުޕީ ރައްޔިތުން އެމްޑީޕީ ރައްޔިތުނެއް ނުތިބޭނެ ތިބޭނީ ދިވެހި ރައްޔިތުން ތިގޮތަށް ޕާރޓީ ތަކުގެ ރައްޔިތުން ތިބެގެން ރަށެއް ގައުމެއް ތަރައްގީ އެއްނުކުރެވޭނެ ޚިދުމަށް ދިނުމުގައިވެސް ވަކި ޕާޓީ އަކަށް ނުވިސްނަމާތޯއެވެ. އެންމެން އަތުކުރި އޮޅާލައިގެން ޕާޓީ ފިކުރުން އެއްކިބާވެގެން ތަރައްގީއަށް މަސައްކަތް ކުރަމާތޯއެވެ! ތިމާގެ އަޚާޔާއިމެދު ހަސަދައިގެ ނަޒަރުން ބެލުން ހުއްޓާލަމާތޯއެވެ.
07 އޮގަސްޓް 2009 (ހުކުރު) -ހޭލާ
ދަޑިމަގު މީހުނާއި ދޫޑިގަމު މީހުންއެއީ އެންމެ ބޮޑު އަވަށްކަމަށް ދައުވާކުރާ ދެފަރާތް. އަޅުގަނޑުވެސް ބަލައިލީން ކޮންތަނެއްތޯ ބޮޑީ. ޙަޤީޤަތުގަ ބޮޑީ ދަޑިމަގު އަވަށް. މީގަވާގޮތަކީ ފުވައްމުލައް އޮންނަ ގޮތުން ދަޑިމަގު އޮންނަނީ ފަލަކޮޅުގަ. ދޫޑިގަން ހިމަކޮޅުގަ. ފިޔަވަޅެއްގެ މިސާލު ނަގާނަމަ އޭގަ މަތީބަޔަކީ ދަޑިމަގު. ފުންނާބަކީ ދޫޑިގަން. ފުވައްމުލަކު މެދާ އެންމެ ކައިރީގައޮތީ ކޮންއަވަށެއްތޯ ބަލާއިރުވެސް ކައިރީގަ އޮތީ ދަޑިމަގު. އަވަށްތައް ރައްޔިތުންނަށް ރަގަޅަށް އެނގެންޖެހޭ. އަވަށްތަކުގެ އަސްލު ޗާޓު ރައްޔިތުންނަށް އޮޅޭ ހިސާބަށް ގޮސްސި. ރކ ކޮމިޓީތަކުން ރައްޔިތުންނަށް އަންގައިދޭންޖެހޭ. ޗާޓުތައް އެބަހުރި.
08 އޮގަސްޓް 2009 (ހޮނިހިރު) -ޒިންމާ
ހޭލާ ބުނިގޮތަށް އަވަށްތައް ރަނގަޅަށް އެނގެންޖެހޭ. ޗާޓު ބަލާލާއިރު ހޯދަޑުގައި ދާދި ފަހުން ހެދި ދަނޑުވަނީ ދަޑިމަގުތަނަކަށް. ދަޑިމަގުގެ ސަރަހައްދަކީ ޗާޓުގައި ވާގޮތުން އެމްޖޭއެމްހާ ހިސާބުން ތުނޑީ އިރުމަތީ ދިމާ އަތިރިމައްޗާ ހަމައަށް ދަމާލެވޭ ރޮނގެއް. ނަމަވެސް މިހާރު އެއީ ހޯދަޑު ބައެއްކަމަށް އާންމުން ޤަބޫލުކުރަނީ. އެގޮތުން ހޯދަޑު މީހުން ދަޑމަގާ ދިމާލަށް ގޯތިނަގަމުން ގެދޮރު އަޅަމުން ދާވަރަކަށް ހޯދަޑު އަންނަނީ ބޮޑުވަމުން. މިގޮތަށްވަނީ އަވަށްތަކުގެ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓޭތީ. މިގޮތުން މިހާރު ތުނޑިވެސް ހޯދަޑުތަނަކަށްވާ ހިސާބަށްދަނީ. ދަނޑު ސަރަހައްދު ނެގީމަވެސް ދޫޑިގަމަށްވުރެ ދަޑިމަގު ބޮޑު.
09 އޮގަސްޓް 2009 (އާދީއްތަ) -އަހުމަދު
އަވަށްތައް ބޮޑު ކޮށްގެން ވަނީ ކޮންކަމެއްތަ މުޖުތަމަޢަށް ފައިދާ ހުރި ކޮންމެވެސް މަސައްކަތެއް ކޮށްބަލަ އެންމެ ގިނަ މަސްތުވާތަކެތިވެސް ގެންގުޅެނީ މިދެއަވަށުގައި ތޯބަލާލުންވެސް ރަނގަޅު
09 އޮގަސްޓް 2009 (އާދީއްތަ) -އާމިރު
ލިޔުންތެރިޔާ ކޮންމެ އެއްޗެއް ލިޔުނަސް،ދަންނަވާލަން ޖެހެނީ ދަޑިމަގު އަވަށް ކުރިއަރައިގެން ދާނެ އެއްވެސް ގޮތެއް މިހާރަކު ނެތް.ސަބަބަކީ ދަޑިމަގު ނުފޫޒު ގަދަކޮށްގެން އުޅޭ މީހުން، އަދުގެ ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭތީ.އެހެންތާ ވާނީ ކޮށި ދަނޑު ގެއްލި،ކަރުތާފެނަށް އެޅުނީ ވިއްޔާ!!!.ދެން އަޅުގަނޑު މެންގެ މި ސަރުކާރު ވަށްޓައެއް ނުލެވޭނެ. ޖެހޭނީ ބަލަން ތިބެން.
09 އޮގަސްޓް 2009 (އާދީއްތަ) -ހުސޭނު
ދަޑިމަގުގެ ގިނަ ރައްޔިތުންނަކީ އަބަދުވެސް ވަކިފަރާތަކަށް އަޅުވެތިވުމުގެ ސިޔާސަތެއް ގެންގުޅޭބައެއް. އެމީހުންދެކޭ ގޮތުގައި ވަކި ފަރާތްތަކަކީ އެއީ ރަސްކަލުން ދަރަޖައިގެ ބޭކަލުން. އެފަރާތްތަކުން ބުނާބަހަކީ ތެދުބަސް. ދެންތިބީ ބަޔަކު ކަމުގައި އެމީހުން ގަބޫލުނުކުރޭ. ދެފަރާތުން ބުނާ އެއްޗެއްގެ އަޑު ރަނގަޅަށް އަހާނަމަތާ. ނަމަވެސް އެމީހުން އަޑުއަހާކަށްވެސް ބޭނުމެއްނުވޭ. ވަކި ފަރާތަކުން ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް އެއީ ތެދު. އަނެއް ފަރާތަކުން ކިތަންމެ ބޮޑު ތެދެއް ހެދިޔަސް އެވާނީ ދޮގަށް.
10 އޮގަސްޓް 2009 (ހޯމަ) -ހަސަނު
ހުސޭނު ބުނީ ޙައްޤު ތެދު ޝުކުރިއްޔާ
10 އޮގަސްޓް 2009 (ހޯމަ) -ހަސަނު
ހުސޭނު ބުނީ ޙައްޤު ތެދު ޝުކުރިއްޔާ
10 އޮގަސްޓް 2009 (ހޯމަ) -ދަޑިމަގު ކުއްޖާ
ހުސޭނުގެ ތި ބަސްކޮޅަށް ހަމަ މަރުހަބާ. ދަޑިމަގު ރަސްކަލުންނަށް ހެދިގެން އިސްކޮށް މިއުޅޭ މީހުންނަކީ ދުވާލަކު އެންމެ ނަމާދަކަށް ވެސް ނޭރޭ މީހުން.އެކަމަކު އެމީހުންގެ ބަސް އަހައިގެން މުސްކުޅި ފުރައިގެ މީހުން މި އުޅެނީ.. ކީކޭ ދެން ބުނާނީ؟؟
10 އޮގަސްޓް 2009 (ހޯމަ) -ހނއ
މާތް ﷲ އިންސާނުންނަށް ސިކުނޑިއެއް ދެއްވާފަވަނީ ރަނގަޅުގޮތުގައި ވިސްނާ ފިކުރުކުރުމަށް. ކޮންމެހެން ވަކިފަރާތަކުން ބުންޏޭކިޔާފަ ވަކިގޮތަކަށް ދާނަމަ އެދެވެނީ ހައިވާނުންގެ ދަރަޖައަށް. ދުނިޔެ މިއަދު ކުރިއަރާފަމިވަނީ އިންސާނުންނަށް މާތް ﷲ ދެއްވާފައިވާ ސިކުނޑީގެ ބޭނުން ރަނގަޅުގޮތުގައި ކޮށްގެން. މިއަދު ދުނިޔެއަށް މިއައި ބަދަލާއެކު އަހަރެމެންވެސް ބަދަލުނުވި ނަމަ މިއަދު އަހަރެމެން ތިބެން ޖެހުނީ ހައިވާނުންގެ ދަރަޖާގަ. ބުއްދިއެއް ދެއްވުމުގެ ޙިކުމަތްތަކެއްވޭ. ބުއްދިވެރިޔަކީ މީހަކު އެއްޗެކޭ ބުނާހާއިރަށް އެގޮތަކަށް ހެއްލޭ މީހެއް ނޫން. ކަމުގެ ދެކޮޅު ބަލާފަ ތެދު ހަގީގަތް ހޯދާމީހެއް. ސިކުނޑީގެ ބޭނުންކުރާ މީހެއް.
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް