ސަރުކާރު އޮފީސްތަކުންނާއި ބޮޑެތި ވިޔަފާރި ކުންފުނިތަކުން ކަރަންޓަށް ނަގާ އަގު ބޮޑުކޮށްފި
ސަދަން ޔުޓިލިޓީސްގެ ފަރާތުން ހިންގާ ޏ. ފުވައްމުލަކު އިންޖީނުގެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑުން ހިންގާ އިންޖީނުގެ ތަކުން ކަރަންޓުގެ ޚިދުމަތް ދޭ ސަރުކާރުގެ އޮފީސްތަކުންނާއި ބޮޑެތި ވިޔަފާރި ކުންފުނިތަކުން ކަރަންޓަށް ނަގާ އަގު މާޗު 1 ން ފެށިގެން ބޮޑުކޮށްފިއެވެ.
ސަރުކާރު އޮފީސްތަކާއި ބޮޑެތި ވިޔަފާރި ކުންފުނިތައް (ބިޒްނަސް ސްޕެޝަލް) ހިމެނޭ މި ދެޓެރިފުގެ އަގަށް ގެނައި ބަދަލަށް ބަލާއިރު އަގުނެގުމަށް ކުރިން ބަލަމުން އައި 3 ބޭންޑުގެ ބަދަލުގައި 4 ވަނަ ބޭންޑެއް ވަނީ އިތުރުކޮށްފައެވެ. އަލަށް އެކުލަވާލި 4 ބޭންޑުގެ އަގުތަކަކީ ފުރަތަމަ ސަތޭކަ ޔުނިޓު (ބޭންޑް އޭ) އަށް ޔުނިޓަކަށް 3.5 ރުފިޔާއެވެ. 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމަޔަށް (ބޭންޑް ބީ) ކޮންމެ ޔުނިޓަކަށް 3.75 ރުފިޔާއެވެ. 201 ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް (ބޭންޑް ސީ) ކޮންމެ ޔުނިޓަކަށް 4.75 ރުފިޔާއެވެ. އަދި އަލަށް ތަޢާރަފުކުރި ބޭންޑް ޑީ (301 ޔުނިޓުން ފެށިގެން މައްޗަށް) ޔުނިޓަކަށް 6.00 ރުފިޔާއެވެ.
1 މާޗުގެ ކުރިން ސަރުކާރު އޮފީސްތަކުންނާއި ބޮޑެތި ވިޔަފާރި ކުންފުނިތަކުން އަގުނަގާފައި ވަނީ ބޭންޑް އޭ އަށް ޔުނިޓަކަށް 2.25 ރުފިޔާއެވެ. ބޭންޑް ބީ އަށް ޔުނިޓަކަށް 3.50 ރުފިޔާ، ބޭންޑު ސީ އަށް (201 ޔުނިޓުން ފެށިގެން މައްޗަށް) ޔުނިޓަކަށް 3.75 ރުފިޔާއެވެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޝާހިދު ވިދާޅުވީ އެކުންފުނީގެ އިންޖީނުގެ ތަކުން ކަރަންޓަށް އަގުނަގާ ރޭޓުތަކަށް ބަދަލު އައިސްފައި ވާނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުންނާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ކަމުގައެވެ. މިބަދަލާ ގުޅިގެން އަމިއްލަ މީސްމީހުންގެ ގޭގެއިންނާއި އާންމު ވިޔަފާރިވެރިންގެ އަތުން އަގުނަގާ ރޭޓަށް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ. އަދި އެފަދަ ތަންތަނުން ނަގާ އަގުތަކަށް ބަދަލުގެންނަން ނިންމާފައި ނުވާކަމުގައިވެސް ޙުސައިން ޝާހިދު ވިދާޅިވިއެވެ.
"ބަދަލުއައީ ސަރުކާރު އޮފީސްތަކަށާއި ބޮޑެތި ކުންފުނިތައް ހިމެނޭ ޓެރިފަށް. އެހެން އެއްވެސް ޓެރިފަކަށް ބަދަލެއް ނާދޭ. ބޮޑެތި ވިޔާފާރި ކުނިތައްކަމަށް އަޅުގަނޑުމެން މިބަލަނީ މިސާލަކަށް ދިރާގު، ވަތަނިއްޔާ ކަހަލަ ކުންފުނިތައް. ސަރުކާގެ ކުންފިނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް، ބޭރުގެ ކުންފުނިތައް. އާދައިގެ ކުދި ވިޔަފާރިތަކުންނާއި އާންމު ގޭގެއިން ނަގާ އަގަކަށް ބަދަލެއް ނާންނާނެ". ޙުސައިން ޝާހިދު ވިދާޅުވިއެވެ.