އަހަންނަށް މިލިބެނީ މައިންބަފައިންގެ ބަސްނުއެހުމުގެ ސަޒާއެވެ. އަހަރެންގެ ކަރުބުޑުގައި މިދެނީ އެތަޖުރިބާގެ ހިތިރަހައެވެ. އަހަރެންގެ ދިރިއުޅުމަށް އައިސްފައި މިވަނީ އެކަމާގުޅޭ ބަދަލުތަކެވެ. އަހަރެންގެ ހިތަށް ލިބިފައިމިވަނީ އެކަމުގެ ސަބަބުން ލިބުނު ހިތާމަތަކެވެ. އަހަރެންގެ ތުންފަތުގައިމިވަނީ އެހިތާމައިގެ ވޭނީ އާހުތަކެވެ. އަހަރެންގެ ދެލޮލުގައި އަބަދުވެސް ނުހިކި މިވަނީ އެހިތާމައިގެ ލޭކަރުނައެވެ. އަހަރެންގެ ޖިސްމު ބަނގުރޫޓުވަމުން މިދަނީ އެހާދިސާގެ އުދާހުންނެވެ. އެކަމަކު މިއަދު އަހަރެންކުރާނީ ކީއްހެއްޔެވެ. ބުނާނީ ކީކޭހެއްޔެވެ. ހިތުގައިމިވާ ޝަކުވާގެ ގަޓަރިތައް އޮއްސާލާނީ ކާކުގެ ފައިތިލައިގެ މައްޗަށްހެއްޔެވެ. ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ބުނެވޭނެ އެކައްޗެއްވެސް ނެތެވެ. ދާނެ ދިމާލެއްނެތެވެ. ރަޙުމާ ހަމްދަރުދީއާ އޯގާތެރިކަމުގެ ކުލަވެސް ފެންނާކަށް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ. ފުރުޞަތު މާޒީވެއްޖެއެވެ. ދެންކިތަންމެވަރަކަށް ހިތާމަކުރިޔަސް ގިސްލިޔަސް ކަރުނައޮއްސިޔަސް ޝަކުވާކުރިޔަސް ދެރަވިޔަސް އެވަގުތު އަނބުރާ ގެނެވޭނެ ގޮތެއްނެތެވެ. މިއީހަމަ އަހަރެންގެ ކުށެވެ. އަހަރެންގެ ނުވިސްނޭކަމެވެ. އަހަރެންގެ މޮޔަކަމެވެ.
އަހަރެންގެ އެލޮބުވެތި މައިންބަފައިން އަހަންނަށް ކިހާނަޞޭޙަތެއް ދިންހެއްޔެވެ. އޯގާތެރި ފިރުމުންތަކާއެކު އަހަންނަށް ވިސްނައިދެވޭތޯ ކިހާ މަސައްކަތެއްކުރިހެއްޔެވެ. އެއީހަމަ އަހަންނަށްޓަކައެވެ. އަހަރެންގެ ލާބަޔާ މަންފާއަށްތަކައެވެ. އެކަމަކު އެހުރިހާކަމެއް ބޭކާރުކޮށްލީ ހަމަ އަހަރެންނެވެ. އެމީހުން އަހަންނާމެދުކުރި ފޮނި އުންމީދުތައް ބަރުބާދުކޮށްލީ ހަމައަހަރެންނެވެ. މާޔޫސްކަމާ ހިތްދަތިކަން އެއިޚްލާޞަތެރި ހިތްހެޔޮ މައިންބަފައިންނަށް ހަދިޔާކުރި ކުށްވެރިޔަކީ އަހަރެންނެވެ. މިއަދު މިއޮތީ މިތަޖުރިބާ ކުރެވިފައެވެ. މައިންބަފައިންގެ ނަޞޭޙަތުގެ އަގު ވަޒަންކުރެވިފައެވެ.
ކުޑަދަރިފުޅު ކުކުރާލިއަޑަށް ސިޔާދާޔަށް ޚިޔާލީ ދުނިޔެއިން ހޭލެވިއްޖެއެވެ. ދޮޅުއަހަރަށްދާ ކުޑަކުޑަ ޝައުޤީއަށް ބުއްދޭ ގަޑި ޖެހުނީއެވެ. މެންދަމުން އަލިވެ ދޭއްޖެހިއިރުވެސް އޭނާގެ މިހާރުގެ އާދަމަތިން ނުނިދިފައި ކޮޓަރިތެރޭގައި އިން ސިޔާދާ އޭނާގެ ދަރިފުޅަށް ބުއްދޭން ފެށިއެވެ. އަދި އެދަރިފުޅުގެ މަޢުޞޫމު މޫނަށް ބަލާލެވުމާއެކު އޭނާގެ މާޒީގެ ޞަފުޙާތައް ޚިޔާލީ ލޮލުގެ ކުރިމަތީގައި އަނެއްކާވެސް ނިއުޅޭން ފެށިއެވެ.
މިއަދަކީ ތ. ގުރައިދުއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ގުރައިދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފުޓުބޯޅަޓީމު ޒޯންފުޓުބޯޅަ މުބާރާތުގައި ކުޅުމަށް ހޮވުމާގުޅިގެން އެޓީމުގައި ހިމެނުމަށް މާލެއިން ގެންނަ ދެކުޅުންތެރިން މިރަށަށް އަންނަ ދުވަހެވެ. މިދެކުޅުންތެރިންނަށް މަރުޙަބާ ކިއުމަށްޓަކައި ތައްޔާރުކުރި މާބޮނޑިތައް ހިފައިގެން ޖަމްޢިއްޔާގެ މެމްބަރުންނާއެކު ފާލަމަށް ދިޔަ އެއްޒުވާނަކީ ސިޔާދާއެވެ. ގުރައިދޫގެ ފާލަމަށް ފޭބުމާއެކު ނިޒާމުގެއަތަށް ފޯރުކޮށްލެވުނު މާބޮނޑީގައި ހިފުމަށްފަހު އޭނާގެ ނަޒަރު ގޮސްހުއްޓުނީ ސިޔާދާގެ އައިބެއްނެތް ރީތި މޫނަށެވެ. ސަލާންކޮށްލުމަށްޓަކައި ސިޔާދާގެ މަޑުމަޑު ފިނި އަތުގައި ހިފުމަށްފަހު އެއަތަށް ފިތާލެވުނީ ނިޒާމުގެ ބޭއިޚުތިޔާރުގައެވެ. ހަމައެއާއެކު ނޭގޭ އިޙްސާސެއްގެ މީރުކަން ސިޔާދާގެ ޒުވާންހިތަށް ވެރިވެގެންދިޔައީ އޭނާގެ މުސްތަޤްބަލަށް ބާރުފޯރުވާފަދަ މަސްތީ ގޮތެއްގައެވެ.
ޒޯން މުބާރާތް ނިމިގެންދިޔައީ ގުރައިދޫ ޒުވާނުންގެ ހިތްތައް އުފަލުން ފޮޅުވަމުންނެވެ. ޒޯންފައިނަލްމެޗް ގުރައިދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކުރި ނިޒާމަކީ ކޮންމިޒާޖެއްގެ ކާކުކަން ނޭގުނު ނަމަވެސް ސިޔާދާގެ ހިތުގައި އޭނާޔަށްޓަކައި އުފެދިފައިވަނީ ޚާއްޞަ ޤަދަރަކާ ލޯތްބެކެވެ. ވެހޭތާ ފެންނެގުމުގެ މަޤްޞަދުގައި އިސްނެގި ނިޒާމަށް ސިޔާދާގެ ހުރިހާ އެއްޗެއް ވަގުފުކުރުމަށް އޭނާގެ ހިތުގެ އަޑިން އެއްބަސްވެ ކަނޑައެޅީ އެންމެ ހަފުތާއެއްގެ ތެރޭގައެވެ. އެތައްވަޢުދެއް ވަމުންނެވެ. އެތައް ތަރިއެއް ބާލަމުންނެވެ.
އަންނަ ހުކުރުދުވިލޭރެޔަކީ އޭނާގެ ޙަޔާތަށް އަންނާނެ އެންމެ މުހިންމު ރެއެވެ. އެރެޔަށްޓަކައި ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެމުންއައި ރެއެވެ. އެކަމަށްޓަކައި ކުރަންޖެހޭ އެންމެމުހިންމު ކަންތައް މިރޭ އޭނާކުރާނެއެވެ. އެކަމަކީ އޭނާޔާ ނިޒާމުގެ ކައިވެއްޏާމެދު މައިންބަފައިންގެ ޚިޔާލުހުރިގޮތެއް ބެލުމެވެ. އެކަން އޭނާ މިރޭ ސާފުކުރާނެއެވެ. ސިޔާދާ އޭނާގެ ކައިވެއްޏާމެދު ނިންމާފައިވާގޮތުގެ ވާހަކަ ޢަލިމަނިކުއާއި ނަޖީބާ އަޑުއެހީ ވިސްނުންތެރިކަމާ ޝައުގުވެރިކަމާއެގައެވެ. އެންމެފަހުން އެމީހުން ސާފުކުރަން ބޭނުންވާ ކަންކަމާބެހޭގޮތުން ސިޔާދާޔާ ސުވާލުކުރިއެވެ. ނިޒާމުގެ މިޒާޖާ ތަބީޢަތާ އަޚުލާޤާ އުޅުން ހުރިގޮތާ ޢާއިލާޔާ ވިސްނުން ހުރިގޮތާބެހޭ ގޮތުން ސިޔާދާޔަށް ލިބިފައިވާ މަޢުލޫމާތު ޙިއްސާކޮށްދިނުމަށް އެދުނެވެ. މިހުރިހާ ސުވާލުތަކަށް އޭނާދިނީ ކުރުކުރު ޖަވާބެކެވެ. ތިޔަހުރިހާ ހާސަރުތަކެއް އޭނާޔަކަށް ނޭގޭކަމަށެވެ. އަދި ހޯދަން ބޭނުމެއްވެސް ނުވާކަމަށެވެ. ބައްޕަމެންވެސް އޭނާ ހިތްހަމަޖެހޭ ގޮތަކަށް ކަމެއް ކޮށްދެއްޏާ މިކައިވެނިކުރުމަށް އެއްބަސްވެ ދިނުމަށެވެ. ޢަލިމަނިކު އޭނާގެ ދަރިފުޅުގެ ވާހަކަ އަޑުއެހީ ހިތާމަޔާއެކުގައެވެ. އޭނާގެ ތަޖުރިބާކާރު ސިކުނޑިޔަށް ކުއްލި ލޮޅުމެއް މެދުވެރިވާފަދަ ގޮތެއްގައެވެ. އެދެމަފިރިން އެމީހުންގެ ދަރިފުޅަށް އެތައްއިރެއް ވަންދެން ނަޞޭޙަތްތެރިވިއެވެ. ކަންކަމާ އަވަސްވެގަތުމަކީ ޝައެތާނާގެކަމެއްކަމުގައި ބުންޏެވެ. އެހެންނަމަވެސް ސިޔާދާހުރީ އޭނާގެ ގޮތް ދޫކޮށްލާފަދަ ޙާލަތެއްގައެއްނޫނެވެ. އޭނާ ބޭނުންވީ ހަމަ އޭނާގެ ރޭވުމާ އެއްގޮތަށް މިކަންނިންމާށެވެ. އޭނާހުރީ ލޯބީގެ ދީވާނާއެއްގެ ގިންތީގައެވެ.
ނިޒާމުގެ ޙަޔާތުގެ ބައިވެރިޔަކަށްވެގެން އޭނާޔާއެކު ސިޔާދާ މާލެއައީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. މާމުއިގެ ހަނދުގައި އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ވޭތިކޮށްލުމުގެ މަޤްޞަދުގައެވެ. ސިޔާދާ މާލެއައުމަށްފަހު މަހެއްހާ ދުވަސްވީއިރު އޭނާއަށް ނިޒާމާބެހޭ ހުރިހާކަމެއް އެގިއްޖެއެވެ. އޭނާޔަކީ އޭދަފުށީ ޒުވާނެކެވެ. އުޅެނީ ކުލީ ކޮޓަރީގައެވެ. އާމްދަނީ ހޯދާކަށް މަސައްކަތެއްނުކުރެއެވެ. ސިޔާދާއާއެކު ހޭދަކުރަނީވެސް މަދު ވަގުތުކޮޅެވެ. ގިނައިންއުޅެނީ ގެއިންބޭރުގައެވެ. ސިޔާދާއަކީ އޭނާގެ އަލަތު އަނބިހާކަމަކު އެކަމާމާބޮޑު އަޅާލުމެއް ނޯވެއެވެ. ދެންފެށީ ދެމީހުން ދޭތެރޭގައި މަޑުމޑުން މައްސަލަ އުފެދޭށެވެ. ޝަކުވާތައް ގިނަވާށެވެ. މިކަމަކަށްވެސް ނިޒާމުގެ މާބޮޑު އަޅާލުމެއްނެތެވެ. އޭނާބޭނުމީ އެމަލުގެ ފޮނިކޮޅު ބޯލާށެވެ. އެއުންމީދުވަނީ ޙާސިލްވެފައެވެ. އެންމެފަހުން މިމައްސަލާގައި ކުރެވުނު ބަޙުޘްތައް ހޫނުވެ އެދެމަފިރިންގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނުއިރު ކަންވީވެސް އެންމެ އެންމެދެރަކޮށެވެ. ސިޔާދާއިނީ ބަލިވެއެވެ. ލޯބީގެ ދުނިޔޭގައި މާޔޫސްވެ އާވަރާ ޙާލުގައި ގުރާދުއަށް އެބުރިއައި ސިޔާދާ އޭނާގެގެއަށް އައުމުންވެސް އޭނާގެ އޯގާތެރި މައިންބަފައިން އޭނާޔަށް މަޢާފުކުރިއެވެ. އޭނާޔާދިމާވި ހުރިހާބުރައެއް އެދެމަފިރިން ހިތުންރުހުމުން ތަޙައްމަލުކުރިއެވެ. އެހެނަސް ސިޔާދާގެ ޒުވާންކަމުގެ ބަގީޗާވަނީ ވަގުތީ އުފަލުގެ މާބުރެއްގެ އަމިއްލައެދުމުގެ " ހޮނޑުން " ލޫޓުވާލެވިފައެވެ. އޭނާގެ އުންމީދުތައްވީ އަވާމެންދުރަށެވެ. އޭނާގެ ދިރިއުޅުންވަނީ ވީރާނާވެފައެވެ. އެހެނަސް މިވީރާނާ ދުނިޔެ އޭނާ ކެތްތެރިކަމާއެކު ކަޑައްތު ކުރާނެއެވެ. އޭނާގެ ދަރިފުޅަށްޓަކައެވެ. ސިޔާދާގެ ތުންފަތުން މަޑުމަޑުން އިވެމުންދިޔައީ މިޖުމްލައެވެ. "މިއީ އަހަރެންގެ ކުށުގެ ކައްފާރާއެވެ"