ހޯދާ:
ބޯގަންވިލާ (6 މާޗް އާ ގުޅޭ)
10 މާޗް 2010 (ބުދަ)
މުސާ ސާއިދު

ދެން ސާރާ ލޯހުޅުވިއިރު މަންޒަރު ވަނީ ބަދަލުވެފައެވެ. އޭނަގެ ކުރިމަތީގައިކަހަލަގޮތަކަށް އޭނާއަށް ފުރަގަސްދީގެން ހުރި ހުދުހެދުމެއްގައި ހުރި ފިރިހެނެކެވެ. ތޮލާލު ފެންނާކަށް ނެތެވެ. ތޮލާލު ގެންގުޅުނު މާކޯޅި މިލާ މޯޅިވެ ފަތްތައް ހިކިފައި ބިންމަތީގައި އޮތެވެ.

"ކާކު...؟" ސާރާ ވަށައިގެން ކަޅި އުކަމުން އޭނާއަށް ފުރަގަސްދީގެން ހުރި މީހާއާ މުޚާތަބުކުރިއެވެ.

"އަހަންނަކީ އިކްލީލް... ސާރާ އަހަރެންގެ ހަނދާންތައް އާކުރީމަ.." އިކްލީލު ކުޑަކޮށް ކުރިއަށް ޖެހިލިއެވެ.

"އިކްލީލޭ....!؟" ސާރާއަކަށް ނުވިސްނުނެވެ. ހަމައެއާއެކު އިކްލީލް ސާރާއާދިމާލަށް އެނބުރި ސާރާއާ ކުރިމަތިލިއެވެ. ހަމައެއާއެކު ސާރާއަށް ބިރުން ހަޅޭލަވައިގަނެވުނެވެ. އޭނާގެ ކުރިމަތީގައި އެހުރީ އިންސާނެއް ނޫނެވެ. އެއީ ބިރުވެރި ސިފައެއްގައިވާ ޖިންނިއެކެވެ. ދެލޯވެސް ހީވަނީ އަނގުރު އަލިފާންކޮޅެއްހެންނެވެ. އިންސާނަކާ ފާޑީ އޭތީގެ ހަށިގަނޑު އެކަންޏެވެ. އިސާހިތަކު ސާރާ ބިރުން ތުރުތުރުއަޅަން ފެށިއެވެ. އޭނާ އެހީއަކަށް އެދި ގޮވަންވެސް ފެށިއެވެ.

"ކާކުތީ؟ ކޮބާތަ ތޮލާލު....؟" ސާރާ ބިރުގެންފައި ވަށައިގެން ހޯދަން ފެށިއެވެ. ބިރުވެރި ސިފައެއްގައި ހުރި އިކްލީލް ނާމާން ޒާތަކަށް ހެމުން ކުރިޔަށް ހިނގައިގަތީ ސާރާ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތިއެވެ. އޭތި ގޮސް ލޯމަތިން ގެއްލެންދެން ސާރާ ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ.

"ތޮލާލު...." އޭތި ގެއްލުމާއެކު ސާރާ ތޮލާލަށް ގޮވަން ފެށިއެވެ. އެއާއެކު އޭނާއާ ދާދިގާތުން މީހަކު ކުކުރާލި އަޑު ސާރާގެ ކަންފަތުގައި ޖެހިއްޖެއެވެ. ސާރާ ސިއްސައިގެންދާފަދަ ގޮތަކަށް އެއަޑުއައި ދިމާލަށް އެނބުރުނެވެ. އެނބުރިލެވުމާއެކު ދެންވެސް އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.

އޭނާ ފައިދަށުގައި ކަހަލަގޮތަކަށް ބިންމަތީގައި އޮތީ ތޮލާލެވެ. އޭނާ އޮތީ ހޭނެތިފައެވެ. ސާރާ އަވަސް އަވަހަށް ތޮލާލާ ދިމާލަށް ގުދުވެލިއެވެ.
"މަންމާ.. މަންމާ.." އެވަގުތު ތޮލާލުގެ ތުންފަތް ތެޅިލިއެވެ.

"ތޮލާ.. ތޮލާ.. ތެދުވެބަލަ.. ކިހިނެތްވެފަ ތިއޮތީ." ސާރާ ރޮއިގަންނަމުން ތޮލާލުގެ މޫނުގައި ހިފައި ތަޅުވައިގަތެވެ. ވަރުބަލިކަމާއެކު ތޮލާލު ދެލޯ ހުޅުވިއެވެ.
"ކާކު.. ކޮންތަނެއް މިއީ؟" ދެޅޯ ހުޅުވުމާއެކު ހައިރާންކަމުން ފުރިގެންވާ އަޑަކުން ތޮލާލަށް އެހުނެވެ.

"ތޮލާ.. މީ އަހަންނޭ..ސާރާ.. ތޮލާއަށް ކިހިނެތްވީތަ؟" ސާރާ ތޮލާލުގެ އަތުގައި ހިފައިގެން އޭނާ ތެދުކުރުވިއެވެ. އެއިރުވެސް ތޮލާލު އިނީ ހައިރާންވެފައި ސާރާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ސާރާއޭ!؟ ކޮން ސާރާއެއް؟ ނޭގުނު.. ނުވިސްނުނު..." ތޮލާލު ކޮޅަށް ތެދުވެއްޖެއެވެ.

"ކޮންސާރާއެއްހޭ.. މިއީ ތޮލާލުގެ އަނބިމީހާ ސާރާ..." ސާރާ ތޮލާލުގެ އަތުގައި ހިފެހެއްޓިއެވެ. ހައިރާންވާކަހަލަ ގޮތަކަށް ތޮލާލު ސާޜާގެ މޫނަށް ބަލައިލިއެވެ.
"އަނބިމީހާ ސާރާއޭ.. ތިޢީ އަހަރެންގެ އަންބެއް ނޫން. ތިޔައީ އަހަރެން ދަންނަ މީހެއްވެސް ނޫން..." ތޮލާލު ސާރާގެ އަތް ފޮޅުވާލާފައި ހިނގައިގަތެވެ. ސާރާއަށް ރޮއިގަނެވުނެވެ. ތޮލާލު އެދިޔައީ އޭނާއަކީ ނުވެސް ދަންނަ މީހެއް ކަމަށް ބުނެފައެވެ. އަޖައިބެކެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ އެބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ހަގިގަތުގައވެސް ތޮލާލު އެބުނީ ތެދެކެވެ. އޭނާ އަނބުރައިގަނެގެން ވެއްޓުމުގެ ކުރިން ސާރާ އެނގުނަސް މިހާރު ކުރީގެ އެއްވެސް ހަނދާނެއް އެނާގެ ސިކުނޑިއަކު ނެތެވެ. ކުރީގެ ހުރިހާ ހަނދާންތަކެއްވެސް ވަނީ ފޮހެވިފައެވެ.

އެރޭ ސާރާ ރޮމުން ރޮމުން ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ވަނުމާއެކު މަންމައާއި ބައްޕަ އޭނާ ވަށާލިއެވެ.

"ކިހިނެތްވީ ދަރިފުޅާ..." މަންމަ ހުސްނާއައިސް ސާރާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ސާރާ ރޮއިރޮއިފައި މަންމަމެނަށް ކަންތައްވީގޮތް ކިޔައިދިނެވެ. ހުސްނާއަށާއި އިސްމާއިލް މަނިކަށްވެސް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ.

"އަނެއްކާވެސް..... މިހާރު ކޮބައިތަ ތޮލާލު؟...." އިސްމާއިލް މަނިކު އެއްސެވެ. އެއިރުވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ސާރާގެ ލޮލުން ކަރުނަ ފައިބަފައިބާ ހުއްޓެވެ.

"އޭނާ އަހަރެންގެ އެއްވެސް ވާހަކައެއް އަޑެއް ނޭހި.  އަހަރެން އާދޭސްވެސް ކުރިން. އެކަމަކު އޭނަ އަހަރެން ތޮށިގަނޑުމައްޗަށް ދޫކޮށްލާފައި ހިނގައްޖެ." ސާރާގެ އަޑު ބެދުނެވެ.

"ދަރިފުޅާ.. ހިއްވަރުކުރޭ. ބައްޕަ މިދަނީ ތޮލާލު ހޯދަން..." ސާރާއަށް ހިތްވަރުދިނުމަށްފަހު އިސްމާއިލް މަނިކު އެގެއިން ނިކުތެވެ. ސާރާ ހުސްނާގެ ކޮނޑުގައި ބޯއަޅާލިއެވެ.

ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 0 ޚިޔާލު
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް